Monday, June 13, 2016

ދިރާސާ ރިޕޯޓް: ރާއްޖޭގެ ރަށްރަށް ތޮއްޖެހުމުން އެކަން ޙައްލުކުރުން

ފެށުން:
ރާއްޖެއަކީ ގުދުރަތީގޮތުން ކުދި ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ 26 އަތޮޅު އެކުލެވިގެންވާ ގުދުރަތީ އެތަށް ރަށެއްގެ މައްޗަށް އެކުލެވިގެންވާ 90،000 ސްކޮޔަރ ކިލޯމީޓަރު ބޮޑު މިނިވަން މުސްތަޤިއްލު ލިޔެވިފައިވާ ޤާނޫން އަސާސީ އަކާއި ރައްޔިތުންގެ އިންތިޙާބީ ސަރުކާރެއް އޮންނަ ޤައުމެކެވެ. ޤައުމުގެ އަބާދީ 13 ސެޕްޓެމްބަރ 2015 ގެ 22:16 އާއި ހަމައަށް 336,565 ހުރިއިރު ފިރިހެނުންގެ އާބާދީ އަކީ 169,579 އެވެ. އަދި މި އަދަދަކީ އަބާދީގެ ނިސްބަތުން ބަލާއިރު %50.4 އެވެ. އަދި އަންހެނުންގެ އަބާދީ އަކީ 166،986 އެވެ. މި އަބާދީއަކީ ނިސްބަތުންބަލާއިރު ރާއްޖޭގެ އަބާދީގެ %49.6 އެވެ. އަދި ހަމައެއާއެކު 2015 ވަނަ އަހަރުގައި މިހާތަނަށް 3,519 ކުއްޖަކު އުފަންވެފައިވާއިރު 13 ސެޕްޓެމްބަރ 2015 ގެ 22:16 އާއި ހަމައަށް އެދުވަހު އެކަނި ޖުމްލަ 13 ކުއްޖަކު އުފަންވެފައިވާއިރު ހަމައެދުވަހު 22:16 އާއި ހަމައަށް 3 މީހަކު ވަނީ ނިޔާވެފައެވެ.
ރާއްޖެއަކީ ސައުތުއޭޝިއާގެ ނިސްބަތުން އެއްމެ ކުޑަޤައުމެވެ. އެހެންކަމުން ރާއްޖޭގެ ވާސީލަތްތަށް ތަނަވަސް ރަށްރަށުގައި މީހުން ތޮއްޖެހުމަކީ ވުން އެކަށީގެންވާ ކަމެކެވެ. އިންސާނުން އެއްތަނުން އަނެއްތަނަށް ހިޖުރަކުރަމުންދަނީ އިންސާނީ ވަސީތްތަކުގެ ތަނަވަސްކަމަށް ރިއާޔަތްކޮށެވެ. ތަޢުލީމާއި ސިއްޙަތާއި ވަޒީފާއާއި ދިރިއުޅުމުގެ އަސާސީ ބޭނުންތަކުގެ މައްޗަށް ރިޢާޔަތްކޮށް މީހުން ބަދަލުވާ ބަދަލުވުމުގެ ސަބަބުން ރާއްޖޭގެ ބައެއް ރަށްރަށް މިއަދު މިވަނީ ތޮށްޖެހިބާރު ވެފައެވެ. މި ރިޕޯޓުގައި އަޅުގަޑު ބަލާލާނީ ރާއްޖޭގެ ރަށްރަށް ތޮއްޖެހުމުން އެކަން ޙައްލުކުރުމުގެ މައްޗަށެވެ.

ސަރަހައްދީ ތަރައްގީ:
ރާއްޖޭގެ ބައެއް ރަށްރަށަށް މީހުން ޖަމާވެ ތޮއްޖެހެމުންދަނީ ސަބަބުތަކެއް މެދުވެރިވުމުންނެވެ. ރާއްޖޭގެ ނިސްބަތުން އާބާދީ ބޮޑެތި ރަށްރަށުގައި ތަޢުލީމާއި ، ސިއްޙަތާއި ، ވަޒީފާގެ ފުރުސަތުތަށް ތަނަވަސްވެފައިވީ ނަމަވެސް ކުދިރަށްރަށުގައި އެ ހުރިހާ އިންތިޒާމްތަކެއް ފަހިކުރުމަކީ އެއްވެސް ސަރުކާރަކަށް އަދި މިހާތަނަށް ކުރެވިފައިވާކަމެއް ނޫނެވެ. އެގޮތުން ރާއްޖޭގައި އެއްމެބޮޑަށް މީހުން ތޮއްޖެހިފައިވަނީ ވެރިރަށް މާލޭގައެވެ. މާލެއަކީ 5.7 ކިލޯމީޓަރުގެ ކުޑަ ރަށެކެވެ. ނަމަވެސް މާލޭގެ އާބާދީއަކީ 153،379 އެވެ. މީގެތެރެއިން ދިވެހިންނަކީ 133,019 މީހުންނެވެ. އަދި ހަމައެއާއެކު މާލޭގައި އެކަނި  މުޅިރާއްޖޭގެ އާބާދީއަށް ބަލާ އިރު %39 މީހުން ދިރިއުޅެމުންދާ ކަމަށް ބޯހިމެނެމުގެ ތަފާސް ހިސާބުތަކުންދައްކައެވެ. މިމައްސަލައަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑުމައްސަލައެކެވެ. ޖާގައިގައިގެ ގޮތުން ކުޑަ ތަންތަނުގައި އާއިލާއާއި އެކު އުޅެން މަޖުބޫރުވުމުގެ ސަބަބުން އާޢިލީ ، އިޖްތިމާޢީ އެތަކެއް މައްސަލަތަކެއް ފެންމަތިވަމުންދާއިރު ސިއްޙީ އެތަކެއް މައްސަލަ ތަކެއް ނޭގިނަމަވެސް މާލޭގައި ދިރިއުޅޭ އެތަށްބަޔަކާއި ކުރިމަތިވާނެކަމީ ޤަބޫލްކުރަންޖެހޭ ހަޤީގަތެކެވެ. ރާއްޖޭގެ ހައުސިން މިނިސްޓަރ ވިދާޅުވާގޮތުގައި މާލެ ތޮއްޖެހުން ހައްލުކުރުން ދެތިން ގޮތެއް އޮންނާނެ، އެއްގޮތަކީ ހުޅުމާލެ ތަރައްގީކޮށް މާލެއިން ހުޅުމާލެއަށް މީހުން ބަދަލުކުރުން. އަނެއް ގޮތަކީ މާލެއަށް އިތުރަށް މީހުން އައުން މަދުކުރެވޭނެ ގޮތްތަކެއް ހޯދުން. ރާއްޖޭގެ އުތުރާއި ދެކުނު އެބަޖެހޭ ތަރައްޤީވާން. ސަރަހައްދީ ތަރައްގީއެއް އެބަޖެހޭ ހޯދައިދޭން ޑރ. މުހައްމަދު މުއިއްޒު ( 2013 ) ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގެ އުތުރާއި ދެކުނު ތަރައްޤީ ކުރުމަށް އެ ސަރަހައްދުތަކުގެ ސިޓީ އަދި އަތޮޅު ކައުންސިލްތަކުންވެސް ބުރަ މަސައްކަތްތަކެއް ކުރަމުން ގެންދާއިރު ސަރުކާރުގެ އެއްބާރުލުން އެކަންކަމަށް ބޭނުންވާކަން ބައެއް ސިޓީ ކައުންސިލްތަކުން ފާހަގަކުރައްވައެވެ. އެގޮތުން މާލޭގެ ތޮށްޖެހުން ކުޑަކުރެވި މާލެއަށް ކުރިމަތިވެފައިވާ ގެދޮރުގެ ދަތިކަން ހައްލުކުރެވޭނީ އައްޑޫ ސިޓީ ތަރައްޤީކޮށްގެން ކަމަށް އައްޑޫ ސިޓީ ކައުންސިލް ( 2014 ) އިން ހާމަކުރައްވައެވެ. މި ގޮތަށް އެކައުންސިލުން ހާމަ ކުރައްވާފައިވަނީ އައްޑޫ ގެސްޓްހައުސް ވެންޗަރ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ސަރުކާރުގެ އެއްބާރުލުން ބޭނުންވާކަން ހާމަކޮށް އެކައުންސިލުންނެރުނު ނޫސްބަޔާނުގައެވެ. ނަމަވެސް ގެސްޓްހައުސް ވެންޗަރ ޕްރޮޖެކްޓްގެ ސަބަބުން މާލޭގެ ތޮއްޖެހުމަށް ޙައްލެއް އައިސަފާނެ ތޯ މިއީވެސް އުފެދޭ ސުވާލެކެވެ. ރާއްޖޭގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ( 2013 ) ވިދާޅުވާގޮތުގައި ރާއްޖޭގެ ދެކުނާއި އުތުރުގައި އާބަން ސެންޓާއެއް ގާއިމްކުރުމުގެ އިތުރުން ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި ފޯކަސް އައިލެންޑްތަކެއް ތަރައްގީކުރުމުން މާލެއަށް ތޮށްޖެހުން މަދުވާނެއެވެ.

ސަރަޙައްދީ ތަޢުލީމާއި ވަޒީފާގެ ފުރުސަތު:
ރާއްޖޭގެ އުތުރާއި ދެކުނުގައި އާބަންސެންޓަރުތަކެއް ޤާއިމް ކުރެވި ފޯކަސް އައިލެންޑްތަކެއް ތަރައްޤީ ކުރެވި ފުރިހަމަވާއިރު ސަރައްހައްދީ ތަޢުލީމުގެ ނިޒާމެއް ފެނިގެންދާނެކަމީ ކުރެވޭ އުންމީދެކެވެ. މާލެއަށް މީހުން ޖަމާވުމަށް މެދުވެރިވާ މައިގަޑު އެއް ސަބަބަކީ ތަޢުލީމެވެ. ރަސްމީތަޢުލީމުގެ ނިޒާމުން ކޮލެޖް ތަޢުލީމާއި ދިމާލަށް މިސްރާބުޖަހާ ޒުވާނާ އޭނާގެ ޒުވާންކަމުގެ ރަންދުވަސްތަށް ކަޑައްތުކޮށްލާ މަންޒިލަކަށް އަމިއްލަ ވަޒަން ވާންނެތްކަމީ ޤަބޫލްކުރެވޭ ހަޤީގަތެކެވެ. ފެންވަރު ރަގަޅު ކޮލެޖުތަކުން ކިޔެވޭނެ މަގު ފަހިވަނީ ރާއްޖޭގެ ވެރިރަށް މާލެއިންނެވެ. ތަފާތުފަންތީގެ ތަފާތު ފެންވަރުގެ ކޯސްތަށް ރަގަޅުގޮތުގައި ފަރުމާކުރެވި ހިންގަނީ ފުރަމާލޭގައި ޤާއިމްކުރެވިފައިވާ ޔުނިވާރަސިޓިތަކުންނެވެ. އެހެން ކަމުން މާލެއަށް ތޮއްޖެހިފައިފައިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވުމަށް މިކަމުގެ ސަބަބުންވެސް އިތުރު މަގެއް ކޮށިގެންދާ ކަމުގައި ދެންނެވުން ދޮގަކަށް ނުވާނެއެވެ. ކޯސްތަށް ނިންމާ ރަށަށް ދާންގަސްތުކުރާއިރު ހޯދި ތަޢުލީމާ އެއްފެންވަރުގެ ޕްރޮފެޝަނަލް ވަޒީފާތަށް ރަށުން ލިބެން ނުހުރެއެވެ. އަދި އަތޮޅުންވެސް ލިބެން ނުހުރެއެވެ. ކިޔަވައި ނިންމުމަށްފަހު ދެން ކުރިމަތިލާންޖެހެނީ ދިރިއުޅުމުގެ މުޅިންއާމަރުހަލާއެކެވެ. ޒަވާޖީ ހަޔާތަކާއިއެކު ދަރިންލިބި ޒިންމާދާރު ބައްޕައަކަށް ނުވަތަ މަންމައަކަށް ވުމުން ދަރިންނަށް އެއްމެރަގަޅު ތަޢުލީމު ދިނުމުގެ މަޤުސަދުގައި މާލޭގައި ދިރިއުޅުން ޤައިމްކޮށްލަން މަޖުބޫރުވެއެވެ. ތަޢުލީމުގެ ބޭނުމުގައި ތަށްރަށަށް ތޮއްޖެހެމުންދާ ދިއުން ހައްލުކުރުމަށްޓަކައި ސަރަހައްދީ ފެންވަރުގެ ޔުނިވަރސިޓީ ތަކާއި ކޮލެޖްތަކުގެ އިތުރުން ޕްރީ ސްކޫލް ، ޕްރައިމަރީ ، މިޑިލްސްކޫލްގެ އިތުރުން ސެކަންޑްރީ ، ހަޔަރ ސެކަންޑްރީ ތަޢުލީމުގެ ފެންވަރު ސަރަހައްދީ ފެންވަރުގައި ރަގަޅުކުރުން މުހިންމެވެ. އަދި އެއާއެއްވަރަށް ވަޒީފާގެ ފުރުސަތު ރަށްރަށުގައި ފަހިކުރެވެން އެބަޖެހެއެވެ. ތައުލީމީ ހަޔާތް ނިންމާ ނިކުންނަ ޒުވާނުންނަށް ވަޒީފާގެ ފަހިފުރުސަތުތަށް ތަނަވަސްވާން އެބަޖެހެއެވެ. އުގެނުނު ތަޢުލީމާއި އެއްފެންވަރުގެ އެކަށޭނެ ވަޒީފާއަކާއި އުޖޫރައެކެވެ. ތަފާތުކުރުމެއް ނެތިއެވެ.

ސަރޙްއްދީ ސިއްޙީ ޙިދުމަތް:
ތަޢުލީމާއި ސިއްޙަތާއި ވަޒީފާގެ އިތުރުން ދިރިއުޅުމުގެ އެހެނިހެން ބޭނުންތަކަށް ޙިދުމަތުގެ ގޮތުން ތަނަވަސް ކައިރި ރަށްރަށަށާއި ވެރިރަށް މާލެއަށް މީހުން ޖަމާވުމަށް މެދުވެރިވެފައިވާ މައިގަޑު އަސްލަކީ އެފުރުސަތުތަށް އެ ސަރަހައްދުތަކުގައި ތަނަވަސްވެފައި ނުހުރުމެވެ. ސިއްޙީ ހިދުމަތްތަކަކީ އިންސާނާއަށް ކޮންމެހެން ބޭނުންވާ އަސާސީ ކަމެކެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ ޑޮކްޓަރުންނާއި ވަސީލަތްތަށް ރަށުންވެސް އަދި އަތޮޅުންވެސް ލިބެން ނުހުރުމަކީ މާލެއަށް ތޮއްޖެހެން މެދުވެރިވާ މައިގަޑު އެއްސަބަބެވެ. ޑައިލިސިސް ގެ ޙިދުމަތް ރާއްޖެތެރޭގައި ދާދިފަހުން ތަޢާރަފްކުރެވިގެން ދިޔުމުގެ ސަބަބުން ކިޑްނީގެ ބަލިމީހުންގެތެރެއިން ރާއްޖޭގެ ދެކުނާއި އުތުރަށް ނިސްބަތްވާ އެތަކެއް ބަލިމީހުންގެ މިސްރާބު ވަނީ އަމިއްލަ ވަޒަނަށް ބަދަލުކޮށްފައެވެ. ނަމަވެސް ތެލަސީމީއާ ބަލީގެ ލޭއަޅަންޖެހޭ ކުދިންނާއި މީހުން އަދި ބައެއްކަހަލަ ޓެސްޓުތަކާއި އޮޕަރޭޝަންތަށް ސަރަހައްދީ ހޮސްޕިޓަލުތަކުން އަދި ރަށު ހޮސްޕިޓަލުތަކުން ހެދެން ނުހުރުމުގެ ސަބަބުން އެފަދަ ޙިދުމަތްތަކަށް ބޭނުންވާ ރައްޔިތުން ޙިދުމަތްލިބޭ ތަނަކަށް ހިޖުރަކުރަން މަޖުބޫރުވެއެވެ. މި ބަދަލުވާ ބަދަލުވުމުގައި ތޮއްޖެހެމުންދަނީ މައިގަޑު ގޮތެއްގައި އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްތަކުގެ އިތުރުން ރާއްޖޭގެ ވެރިރަށް މާލެއެވެ. ނަމަވެސް މިކަންކަމުގެ ހައްލަކީ ސަރަހައްދީ ފެންވަރުގައި ނުވަތަ ފޯކަސް އައިލެންޑް ތަކެއް ތަރައްޤީ ކޮށްގެން ކަމީ ޤަބޫލްކުރަންޖެހޭ ހަޤީގަތެކެވެ. ސަރަހައްދީ ހޮސްޕިޓަލުތަކުގެ ފެންވަރު ރަގަޅުކުރުމުގެ އިތުރުން މެޑިކަލް ޔުނިވާރަސިޓީ ތަށް ރާއްޖޭގައިވެސް ތަޢާރަފްކުރެވެން އެބަޖެހެއެވެ. އަދި ހަމައެއާއެކު މިފަދަ ގޮތަކަށް މީހުން ތޮއްޖެހި އުޅެން ޖެހުމަކީ ސިއްޙީ ގޮތުން ތަފާތު މައްސަލަތަކާއި ކުރިމަތިލާންޖެހޭ ކަމެކެވެ. ދިވެހި ރާއްޖޭގެ ހިޔުމަން ރައިޓްސް ކޮމިޝަނުން ( 2008 ) ހާމަކުރައްވާ ގޮތުގައި ރާއްޖޭގެ ވެރިރަށް މާލޭގެ އަވަށެއްކަމުގައިވާ މައްޗަންގޯޅީގެ އަންހެނަކު އޭނާގެ ފިރިހެން 2 ދަރިންނާއިއެކު ދިރިއުޅުމަށްޓަކައި 15 ފޫޓުގެ ކޮޓަރިއެއް ކުއްޔަށްހިފާފައިވެއެވެ. އެތަނުގައި ވައިދައުރުވާނެ ގޮތެއް ނެތެވެ. އެހެންކަމުން ފިނިހޫނުމިނާއި ވައިބަންދުވެ އުދާސްއުފެދި ހަރުލަނީ ފާރުގައެވެ. ކޮޓަރީގެ ތަޅުމުގައި އުފެދޭ ފެންދައުރުކުރުމަށްޓަކައި އެމީހުންވަނީ ކޮޓަރީގެ ތަޅުމުގައި އަޅާފައިވާ ތަރުފާލުނަގާ ސިމެންތި ތަޅުން އޭގެ އަމިއްލަ ޒާތަށް ދޫކޮށްލާފައެވެ. ތޮއްޖެހިފައިވާ ކޮޓަރީގައި އެކަށީގެންވާ ވައިބޭރުކުރުމުގެ ނިޒާމެއް ނެތެވެ. ދެން ކުރިމަތިވަމުންދާނެ ސިއްޙީ މައްސަލަތަކަށް ނަޒަރު ހިންގާލަމާތޯއެވެ. މިއީ މާލޭގެ އެއްމެ ގެއެއްގެ ހާލަތެވެ. މިފަދަ ކިތަށް ގޭބިސީ ވެރިރަށް މާލޭގައި ހުންނާނެބާވައެވެ. މީހުން ތޮއްޖެހުމުގެ ސަބަބުން މީހުން ދިރިއުޅެމުންދާ ހާލު އެއްމެ ފުރިހަމައަށް އެންގޭނީ އެގޭބިސީތަކަށް ޒިޔާރަތް ކޮށްލުމުންނެވެ. ރާއްޖޭގެ އުތުރާއި ދެކުނުގައި އާބަންސެންޓަރުތަކެއް ޤާއިމް ކުރެވި ފޯކަސް އައިލެންޑްތަކެއް ޤާއިމްކުރެވި މިނިސްޓަރުގެ ވިސްނުންފުޅާއެއްގޮތަށް ޤައުމީތަރައްޤީ ބައްޓަންކުރެވިއްޖެނަމަ މިފަދަ އާޢިލާތަކުގެ އުދާސްތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިދާނެކަމުގައި ދެކެމެވެ.

ގޯތިގެދޮތުގެ ދަތިކަން:
ގޯތިގެދޮރުގެ ދަތިކަން ދިމާވުމުގައި ތަފާތު ގިނަގުނަ ސަބަބުތަކެއް އެބަހުއްޓެވެ. ނަމަވެސް މިކަމުގެ މައިގަޑު އަސްލަކީ ރައްޔިތުންނަށް އެކަށޭނެ ގޯތިގެދޮރު ލިބުމުގައި ފުރުސަތުހަނިވެފައި ވުމެވެ. ދިވެހިރާއްޖޭގެ ހިޔުމަންރައިޓްސް ކޮމިޝަނުން ( 2008 ) ހާމަކުރައްވާ ގޮތުގައި މުޅިގަޢުމަށް ބަލާއިރު 12،000 އާޢިލާ ދިރިއުޅެމުންދަނީ އެކަށީގެންވާ ގޯތިގެދޮރު ނެތިއެވެ. ހަޤީގަތުގައި މިފަދަ އާޢިލާތަށް ގޯތިގެދޮރުނެތިވެ މަގުމަތީގައި އުޅެންޖެހިފައިނުވަނީ މިފަދަ އާޢިލާތަށް އެހެން އާއިލާތަކާއި މައްސުނިވެ ތޮއްޖެހިފައިވާ ހާލަތުގައި ދިރިއުޅެމުންދާތީއެވެ. އެގޮތުން ވެރިރަށް މާލޭގެ އާބާދީގެ %85 ދިރިއުޅެމުންދަނީ މިފަދަ ގޮތަކަށެވެ. އަދި ހަމައެއާއެކު ރަށްރަށުގައި ދިރިއުޅޭ އާއިލާތަކަށް ބިންނުލިބުމުގެ ދަތިކަން ކުރިމަތި ވެފައިވާއިރު ބިންލިބުނު ކަމުގައި ވީނަމަވެސް އިމާރާތްކުރާނެ ފައިސާނެތިގެން އެތަކެއް އާޢިލާތަކަކުން ގޭބިސީ އިމާރާތްކުރުމަށް ވަނީ ނުކުޅެދިފައެވެ. ރާއްޖޭގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ( 2013 ) ވިދާޅުވާގޮތުގައި ގޯއްޗެއްއޮވެ އެ ގޯތީގައި އިމާރާތެއް އެޅޭނެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ގޯތި އެޅުމުގެ ފުރުސަތު ހޯދައިދޭން ޖެހޭނެ. އަންނަ އަހަރަށް ލަފާކުރެވޭ ބަޖެޓަށް މިނިސްޓްރީގެ ފަރާތުން ލުއި ލޯނު ސްކީމަކަށް ފަންޑެއް ގާއިމް ކުރުމަށް ހުށަހަޅާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައިވާއިރު މި ސްކީމްގެ ދަށުން ނަގާ ލޯނު އަދާކުރުމަށް ވަރަށް ފަސޭހަ ގޮތްތަކެއް ހުންނާނެކަމަށާއި އަދި އެ ލޯނަކީ އިސްލާމިކް ޝަރީއާ ހުއްދަ ކުރާ ލޯނަކަށް ވެގެންދިއުމާއެކު އެ ލޯނުން އެމީހަކު އުޅޭނެ ގެއެއް ނިންމާލެވޭނެ ވަރު ވާނެކަމަށް ވެއެވެ. ތެދުފުޅެކެވެ. 2014 ވަނަ އަހަރުގެ ތެރޭގައި މިނިސްޓަރ ވިދާޅުވިގޮތަށް ހައުސިން ލޯނުގެ ނަމުގައި ރައްޔިތުންނަށް ލޯން ލިބޭނެ އިންތިޒާމް ވަނީހަމަޖެހިފައެވެ. ނަމަވެސް ބިމެއް ނެތުމުގެ ސަބަބުންނާއި މަލީ ތަނަވަސްކަމުގެ ދަތިކަމުގެ ސަބަބުން އަދިވެސް ބޯހިޔާވަހިކަން ނުލިބިފައިތިބި އެތަކެއް އާޢިލާއެއް ރާއްޖޭގައި މަދެއް ނޫނެވެ. ދިރިއުޅުމުގެ ބޭނުންތަކަށްޓަކައި ވަޒަން ދޫކޮށް އެހެންރަށްރަށަށް ހިޖުރަކޮށް އުޅޭ އާޢިލާތަކުގެ ދިރިއުޅުމަށް ބަދަލެއް ނާދެއެވެ. އުޅެން ޖެހިފައިވަނީ ތޮއްޖެހިފައިވާ ކުޑަ ކޮޓަރިއެއްގެ ތެރޭގައެވެ. ނަތީޖާއެއްގެ ގޮތުން އެތަކެއް އިޖުތިމާއީ މައްސަލަތަކެއް ދަނީ ފެންމަތިވަމުންނެވެ. ދިވެހިރާއްޖޭގެ ހިޔުމަންރައީޓްސް ކޮމިޝަނުން    ( 2008 ) ހާމަކުރައްވާ ގޮތުގައި މާލޭގެ އަވަށެއް ކަމުގައިވާ މައްޗަންގޯޅީ ގައި އަންހެނަކު އޭނާގެ 6 ކުދިންނާއެކު ދިރިއުޅެމުންދަނީ އެއްމެ ކޮޓަރިއެއްގައެވެ. އޭގެތެރެއިން 3 ކުދިންނަކީ 18 އަހަރުން މަތީގެ ކުދިންނެވެ. އެއަންހެން މީހާބުނިގޮތުގައި އެހިސާބުގަޑުގައި ދިރިއުޅޭ ގިނަމީހުންގެ ހާލަތުހުރީ ހަމަދާދި އެއްހާލެއްގައެވެ. ބައެއްފަހަރު ކުދިން ކޮޓަރިންނެރުމަށް ދެމަފިރިންނަށް ވަނީ މަޖުބޫރުވެފައެވެ. އެއީ އެއްވަގުތަކު އެހާގިނަކުދިންނަށް އެހާކުޑަކޮޓަރީގައި ނޫޅެވޭނެތީއެވެ. މިފަދަ ހާލަތްތަކުގައި ދިރިއުޅޭ ދެމަފިރިން އެކަނިވެލަން ބޭނުންވާނަމަ ޖެހެނީ ދުވަހު ކުއްޔަށް ކޮޓަރިއެއް ހިފާށެވެ. ވާހަކަދެކެވުނު ގިނަފަރާތްތަކުން އެއްބަސްވާގޮތުގައި ގުރޫޕް މާރާމާރީއާއި މަސްތުވާތަކެއްޗާއި ވައްކަމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި އިޖުތިމާޢީ ގިނަމައްސަލަ ތަކުގެ އަސްލަކީ މިއެވެ. އަދި ދިރިއުޅެންޖެހިފައިވާ މިފަދަ ހާލުގެ ސަބަބުން އިޖުތިމާޢީ އަދަބުތަށް ގެއްލި ، އާޢިލާތަށް ރޫޅި ޙާއްސަކޮށް މިފަދަ ގޮތަކަށް ދިރިއުޅުމަށް މަޖުބޫރުވެފައިވާ ކުޑަކުދިންނަށް މިކަންކަމާއި ގުޅިގެން ކުރަމުންދާ ނޭދެވޭ އަސަރުތަށް ވަރަށްވެސް ގިނައެވެ. މި ކަންކަމުގެ ހައްލަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި އާބަންސެންޓަރުތަކެއް ޤާއިމް ކުރެވި ފޯކަސް އައިލެންޑްތަކެއް ތަރައްޤީ ކުރެވި ރާއްޖޭގެ ތަރައްޤީގެ ބާރުތަށް ރައްޔިތުންގެ އަސާސީ ހައްޤުތަށް ވީހާވެސް ބޮޑަށް އަތޮޅު ތެރޭގައި ފުޅާކުރުމެވެ. ބަޔާން މި ކުރެވެނީ 2008 ގެ ހާލަތްތަކަށް ވީނަމަވެސް 2015 ގައި ވެސް މިހާރުވެސް ރާއްޖޭގެ ވެރިރަށް މާލޭގެ ހާލަތަކީ ހަމަމިއެވެ. ތަފާތެއް ނެތެވެ. މީހުންވަނީ ތޮއްޖެހިފައެވެ. މަގުމަތީގައިވަނީ ކާރޫބާރޫ ބޮޑުވެފައެވެ.

ނިންމުން:
މަތީގައި ބަޔާންކުރެވިފައިވާ ގިނަގުނަ މައްސަލަތަކަކީ އަދިވެސް ހަޤީގަތުގައި ހައްލެއް ހޯދިފައިނުވާ އެހެންނަމަވެސް އެކަމުގެ ސަބަބުން މުޖުތަމައުއަށް އޭގެ ސީދާއަސަރުކުރަމުންދާ ކަންކަމެވެ. ރާއްޖޭގައި މައިގަޑުގޮތެއްގައި މީހުން ތޮއްޖެހި ކާރޫބާރު ބޮޑުވެފައިވާ ރަށަކީ ވެރިރަށް މާލެއެވެ. ނަމަވެސް މި މައްސަލަ އަތޮޅުތަކުގެ ބައެއް ރަށްރަށަށްވެސް ވަނީ ކުރިމަތިވެފައެވެ. ޙާއްސަކޮށް އަތޮޅުވެރިކަންކުރާ ރަށްރަށަށް މި މައްސަލަ ކުރިމަތިވެފައިވީނަމަވެސް ބިންކުޑަ އާބާދީ ބޮޑު ބައެއް ރަށްތަކުގައި މި މައްސަލަ މާލެއާއެއްވަރަށް ނޫނަސް ކުރިމަތިވެފައިވެއެވެ. މީހުން ތޮއްޖެހުމުގެ ސަބަބުން ދިމާވަމުންދާ އިޖުތިމާޢީ އެތަކެއް ގެއްލުންތަކަކަށް މި ރިޕޯޓުގައި އަލިއަޅުވާލެވިފައި ވާނެއެވެ. މި މައްސަލަތަށް ޙައްލުކުރުމަށްޓަކައި އަވަސްފިޔަވަޅުތަކެއް އެޅެންއެބަޖެހެއެވެ. މިކަމުގައި ހައްލުތަކެއް ހޯދެންއެބަޖެހެއެވެ. ސަރުކާރުން މިކަމުގައި ގެންގުޅުއްވާ ސިޔާސަތަކީ އެއްމެ ކާމިޔާބު އަދި ރާއްޖޭގެ އިޤްތިސާދާ އެއްމެ އެކަށޭނެ ސިޔާސަތު ކަމީ ޤަބޫލްކުރަންޖެހޭ ހަޤީގަތެކެވެ. އެގޮތުން މި ކަންކަމުގެ ހައްލަކީ ރާއްޖޭގެ އުތުރާއި ދެކުނުގައި އާބަންސެންޓަރުތަކެއް ޤާއިމް ކުރެވި ފޯކަސް އައިލެންޑްތަކެއް ތަރައްޤީ ކުރެވި އެތަންތަނުގައި ވަސީލަތްތަށް ޤާއިމްކުރުމެވެ. ރާއްޖެއަކީ ޖަޒީރާ ޤައުމެކެވެ. ޤައުމުގެ އުފެއްދުންތެރިކަމާއެއްވަރަށް ޤައުމުގެ ރައްޔިތުންނަށް ތަނަވަސް ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދެވެން އެބަޖެހެއެވެ. ތޮއްޖެހިފައި 15 ފޫޓުގެ ކުޑަކޮޓަރިތަކުގައި ދިރިއުޅޭ އާޢިލާތަކަށް ތަނަވަސް ދިރިއުޅުމެއް ހޯދައިދެވެން އެބަޖެހެއެވެ. ނަތީޖާއަކަށް ވާނީ އިޖުތިމާއީ މައްސަލަތަކުން ސަލާމަތްވެ. ދިރިއުޅުމުގައި ކާމިޔާބު ރައްޔިތުންތަކެއް އުޅޭ ޤައުމަކަށް ދިވެހިރާއްޖެ ވެގެންދިޔުމެވެ. އަޅުގަޑުމެންގެ ކާބަފައިން އުޅުނު ރީތި އަމާންއޮމާން ސާދާ ރިރިއުޅުމާއި ދިވެހިރާއްޖޭގެ ހަމަހިމޭންކަން ޤާއިމްވެ އިންޑިއާކަންޑުގެ ހަޤީޤީ ސުވަރުގެއަށް ރާއްޖެވުމެވެ.


ހަވާލާ ލިސްޓް:

1-      އަހުމަދު ސާއިލް އަލީ (01 ޑިސެމްބަރ 2013 ) "މާލޭގައި އެއް ޕަސެންޓް ހުސްތަން، 10 ޕަސެންޓަށް އިތުރު ކުރަން ޖެހޭ. ނެގީ ޑިސެމްބަރ 2013 ، 01 http://www.sun.mv/36614 ން.

 

2-      ރާއްޖެ އެމް.ވީ ( 2014 ) މާލޭގެ ތޮށްޖެހުން ކުޑަކުރެވޭނީ އައްޑޫ ތަރައްޤީ ކޮށްގެން: އައްޑޫ ސިޓީ ކައުންސިލް. ނެގީ އޮކްޓޫބަރ 2014 ، 23 https://test.habaru.net ން.


3-      ރިސާމު ( 12 ޑިސެމްބަރ 2014 ) އެންމެ “ހިތްނުތަނަވަސް” ސޯޅަ މަންޒިލް ތަކުގެ ތެރެއިން ދެވަނަ ވެރިރަށް މާލެ. ނެގީ ޑިސެމްބަރ 2014 ، 12 http://dhivehi.com.mv/dhivehi/6065 ން.


4-      ހިޔުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް ( އޮކްޓޫބަރ 2008 ) ރެޕިޑް އެސެސްމަންޓް އޮފް ދި ހައުސިންގ ސިޓުއޭޝަން އިން ދަ މޯލްޑިވްސް. ކުރު ދިރާސާ ، ޞ 15 ، 16.