ވާހަކަ

ވާހަކަ އަށް ފާޑުކިޔުން:
އިބްރާހީމް ހުސައިން މަނިކު ލިޔުއްވާފައިވާ " ކުރަނގި މާރަނގަ " ވާހަކައިގެ ސިފަކުރުންތައް ގެނެސްދީފައިވާގޮތާއި އެ ސިފަކުރުންތަކުން ވާހަކައަށް ލިބިފައިވަނީ ފުރިހަމަކަމެއްކަން ނުވަތަ ނޫންކަން ހެއްކާއެކު ބަޔާންކުރުން:
އިބްރާހިމް ހުސައިން މަނިކުގެ " ކުރަނގި މާރަންގަ " ވަހަކައިގެ ސިފަކުރުންތަކުގެ ސަބަބުން ވަގުތާއި ހާލަތާއި މަންޒަރު ކިތަންމެހާވެސް ފުރިހަމައަށް ސިފަކޮށްދެއެވެ. މުޅި ސީނުގައި ވަށައިގެންވާ މާހައުލު އެއްކޮށްސިފަކޮށްދީފައިވާ ކަހަލައެވެ. ފަށާގަންނައިރު ދަނޑުމަތީގައި ކޮކާހިފަން ކޮށްކޮއާއި އެކު ގޮސްއުޅޭ މަންޒަރު ލިޔުންތެރިޔާ ސިފަކޮށްދީފައިވާލެއް ފުރިހަމައެވެ. " ބައެއްފަހަރު ހެމުންނެވެ. އަނެއްބައިފަހަރު ހަޅޭއްލަވަމުންނެވެ. ބައެއްހިދުހިދަށް ހަނުހިމޭންކަން މަތީގައެވެ. ޗުއްޕުވެސް ބުނުމެއްނެތިއެވެ. ބައެއްފަހަރު ބޮނދައިގެންނެވެ. ބައެއްފަހަރު ދުވަމުންނެވެ. " މި ސިފަކުރުމުން އެމީހުން އެތަނުގައި އުޅުނުގޮތް ކިތަންމެހާވެސް ފުރިހަމައަށް އޮޅުންފިލައެވެ. ވާހަކަ ކިޔަމުންދާހިދު ލޯމަތިން މަންޒަރު ސިފަކޮށްދެއެވެ. އަދި ހަމައެގޮތަށް " ތޮޅިއަޅާފައިވާ ދޫހިމެރި ވެޔޮތައް މަތިން ކެކުރިވެޔޮތައް ކައިރިންނެވެ. މީރުވަހަކުން ހަށިފުރާލަދިން ދަކަނދާ ގަހެއްގެ ދަށުންނެވެ. މާގެންފައިވާ ރުވާގަސްތައް ފަސްދެމުންނެވެ. ކަށިމާގަސްތަކާއި ބެރެބެދި ގަސްގަހުން ނެއްޓެމުންނެވެ. " މި ސިފަކުރުމުން ތަނާއި ހާލަތު ކިތަންމެހާވެސް ފުރިހަމައަށް ބަޔާންކޮށްދެއެވެ. ސަރަހައްދުގައިހުރި ގަސްތަކާއި އެގަސްތަކުގެ މުއްސަދިކަން ފުރިހަމައަށް ބަޔާންކޮށްދެއެވެ. އެ މީހުން އެތަނުގައި އުޅުނުއިރު އެތަނުގެ ހިތްގާއިމުކަން ސިފަކޮށްދީފައިވާގޮތް ފުރިހަމައެވެ. އަދި ހަމައެއާއކު އެ މާހައުލުގެ ޥަށައިގެން އިވޭ އަޑުތަކާއި ފެންނަތަކެއްޗަށްވެސް ލިޔުންތެރިޔާގެ ގަލަން ހިނަގާފައިވާލެއް ފުރިހަމައެވެ. " ތަންކޮޅެއްދުރުން ވަލުތެރެއިން ކުނބޯއެއް ގޮވާ އަޑު އިވެއެވެ. އެކަނިވެރިއަޑެކެވެ. ރިހުންހުރި އަޑެކެވެ. ޖެހެމުންދާ ރިރުދޮށުވައި ގެނެސްދެނީ ފުއްޓަރަށް ރާޅު ބޫންލާއަޑެވެ. " މި ސިފަކުރުމުން މާހައުލަށް ވެރިވެފައިވާ ހިމޭންކަމާއެކު އިވެމުންދާ އަޑުތަށް ކިތަންމެހާވެސް ފުރިހަމައަށް ސިފަކޮށްދެއެވެ. ލިޔުންތެރިޔާގެ ނަޒަރުގަ އެމާހައުލަށް ވެރިވެފައިވަނީ " ލޮނުވެލީގެ ވަހާއެކުވެފައިވާ ތާޒާ ފަތްޕިލާވެލީގެ ވަހެވެ. " މާނަފުން ލަފުޒެކެވެ. ޝާއިރީ ބަސްތަކެކެވެ. ލިޔުންތެރިޔާ ހިޔަނި ސިފަކޮށްދީފައިވަނީ " އިސްކޮޅަށްވުރެ ދިގުވެފައިވާ އަހަރުމެންގެ ހިޔަނިތައް އަހަރުމެންނަށް ފާރަލައެވެ. " މި އިބާރާތުންނެވެ. އެ ސިފަކުރުމުން ވަގުތު ބަޔާންކޮށްދެއެވެ. ދުވަހަކީ އުޑުމަތި ރީތި ސާފު ދުވަހެއްކަން ހާމަވަނީ ލިޔުންތެރިޔާގެ މި އިބަރާތުންނެވެ. " ކަފަވިލާގެ އާގުބޯޓުތަކާ އިމާރާތްތައް އުޑުމަތީ އޮޔާދަނީއެވެ." ސިފަކުރުން ގެނެސްދީފައިވާ ގޮތް ފުރިހަމައެވެ.
ވާހަކަ ވާހަކައަކަށް ވަނީ ސިފަކުރުންތަށް ހުރީމައެވެ. ވަގުތާއި ހާލަތާއި މީހުންނާއި ތަންތަން ސިފަކޮސްދީ ކިޔުންތެރިޔާގެ ޝައުގުވެރިކަން ހޯދަންޖެހެއެވެ. ނަމަވެސް އިބްރާޙިމް ޙުސައިން މަނިކުގެ " ކުރަންގި މާރަންގަ " ވާހަކައިގެ ފެށުމަށް ބަލާއިރުވެސް ފާހަގަވަނީ މުޅިންވެސް ސިފަކުރުމެވެ. ބުނެދޭންއުޅޭ ކޮންމެއެއްޗެއް ސިފަކޮށްދީފައިވާ ގޮތް ފުރިހަމައެވެ. ނަމަވެސް މި ވާހަކައިގައި ބުނަންއުޅޭ އެއްޗަކާއި ވާންއުޅޭ ގޮތެއް ނޭގޭ ކަހަލައެވެ. ވާހަކައިގެ ފެށުން ކިޔާ ނިމޭއިރު ވާހަކަ މަތިން ފޫހިކުރުވާކަން ފާހަގަވެއެވެ. ފަހަރެއްގައި އަޅުގަޑުގެ ޝައުޤުވެރިކަން މި ކަހަލަ ވާހަކަތަކަށް ނުހުންނަނީ ކަމުގައި ވުންއެކަށީގެންވެއެވެ. ނަމަވެސް ޤަބޫލްކުރެވޭ ގޮތުގައި ސިފަކުރުންތަށް ގެނެސްފައިވާލެއް މާބޮނޑެވެ. ތިލަ އިބާރާތުން ބުނަންއުޅޭ އެއްޗެއް ފަހުމްވާވަރަށް ބުނާނަމަ ކިހިނެއްވާނެހެއްޔެވެ.
ވާހަކައިގެ މައިގަޑަށް ޖެހިލާނަމެވެ. ވާހަކައިގެ މާއިގަޑުގައި ސިފަކޮށްދިނުން ފުރިހަމައެވެ. ބައްޕަ މާލެއިން އައި ވަގުތު ދަރިންފެނުމުން ރުޅިއައިސްފައިވާކަން ލިޔުންތެރިޔާ ގެނެސްދެއެވެ. އަދިހަމައެއާއެކު ދަރިން އެވަގުތު ތިބިގޮތް ސިފަކޮސްދީފައިވާގޮތް ފުރިހަމައެވެ. " ފޫގަޅައިގެން ތިބީމައެވެ. ލޮނުވެލިން ދެފައިދަނޑި ހުދުވެފައިވާތީއެވެ. އަތުގައި މަސްފަތި އޮތީމައެވެ. " މި އިބާރާތުން ރަށްފުށުގައި ނުވަތަ ރާއްޖެ ތެރޭގައި ފުރާވަރަށް އަރާ އުމުރުގެ ކުދިން އުޅޭގޮތް ވަރަށް ފުރިހަމައަށް ސިފަކޮށްދެއެވެ. " ކޮބާ ފަރީދާ މީ މަބުނާ ވާހަކައަކީ މިރަށުގައި ތިބެ މިކުދީން ބޮޑު ވާންވެއްޖިއްޔާ ދަސްކުރާނީ މިއުޅުން. ވާނީ މަސްވެރިންނަށް. ލަސްނުކޮށް މާލެ ދާންވީ. " މި އިބާރާތުން އާއިލާ އާއިއެކު މާލެ ބަދަލުވާންއުޅޭކަން އަދި ވާންޖެހޭ ތައްޔާރިތަށް ވެފައިވާކަން ކޮންމެވެސްވަރަކަށް ދޭހަކޮށްދެއެވެ.
ވާހަކައިގެ ސިފަކުރުން ތަކުން ރަށްފުށުގެ ދިރިއުޅުން ސިފަކޮށްދޭއިރި ލިޔުންތެރިޔާ ކުރަންގި ސިފަކޮސްފައިވަނީ މާލޭގައި މީހުންއުޅޭ ގޮތުގެ މައްޗަށް މިސާލަކަށް ފުދޭ ގޮތަކަށެވެ. " އަހަރެންގެ ސަމާލުކަން އަތުލީ ރުއްތައް މަތިން ކުކުޅުހާ ނިދަން އަރާ ތިބި ބަދިގެމަތިން ގޭގެ އަސްކަނި ދޮށުގައި ހުރި ފިލާގަޑަށް ތިރިކޮށްލި ކުރަންގެވެ. " ލިޔުންތެރިޔާ މި އިބާރާތް މި ވާހަކައަށް ގެނެސްފައިވަނީ މާލޭގެ މީހުންދިރިއުޅޭ ހާލަތާ ކުރަންގި މާރަނގައިގެ ހަލަތާ ގުޅުންތަކެއް ހުރީމަ ބާވައެވެ. ޔަޤީނުންވެސް މި މިސާލަށްވުރެ ފަހުން މާލެއަށް އާއިލާއާއެކު ބަދަލުވިޔަސް މި މިސާލުން ފަހުގެ ކަންކަމަށް ފުރިހަމަ މިސާލަކަށްފުދެއެވެ. މާލެއަށް މީހުން ބަދަލުވަނީ އުންމީދުތަކަކާއެކުގައެވެ. ފޮނިހުވަފެންތަކެއް ދެކެމުންނެވެ. މާލޭގައި ނިދަންއޮށޯއޮންނަންޖެހެނީ އަސްކަނި ދޮށުގައެވެ. މަތިމައްޗަށް ކޮޓަރިތެރޭގައި އެދުޖަހައިގެންނެވެ. ކުރަންގި މާރަންގަ އަކީ އޮޅުކުރެވޭ ދޫންޏަކަށްވިޔަސް ވާހަކައިގައި އުޅޭ ބައްޕަގެ ބަހުންނަމަ " ކުރަނގި ކިތަންމެ އޮޅަސް އުދުހިގެންގޮސްފައި ނާންނާނެ ދުވަހެއްވެސް އަންނާނެއެވެ. " މާނަފުން ލަފުޒެކެވެ. މާލެ ބަދަލުވާ ގިނަ އާއިލާތަކުން ބަދަލުވާ ކޮޅުމަތީގައި އަމިއްލަވަޒަންމަތިން ވަރަށް ހަދާންކުރެއެވެ. ވަޒަނަށް ދާންބޭނުންވެއެވެ. ނަމަވެސް މާލެއަށް ހޭނުމުން މާލެގެ ދަތި އެހެނަސް ވަސީލަތައި ހިދުމަތުގެ ގޮތުން ތަނަވަސް ފަސްގަޑުދޫކޮށް ދާން އުޒުރުވެރިވެއެވެ. އޭގެ ކުރިން ކުރަންގި ރޭގަނޑަށް ގޭގެ އަސްކަނި ދޮށުގައި ހުންނަ އަށްޓަށް ނިދަން އަންނަ އުސޫލުން ޗުއްޓީއެއްހަމަ ވާއިރަށް އަމިއްލަ ވަޒަނަށް ދާންބޭނުންވެއެވެ. ނަމަވެސް މާލެއަށް ހޭނި ދަރިންނަށް ތަޢުލީމުލިބި ހަރުދަނާވަޒީފާތަށް ލިބުމުން ވަޒަން މަތިން ހަދާންނެތިވެއެވެ.
އަނެއްކާވެސް ފުރިހަމަ އެހާމެ މާނަފުން މިސާލެކެވެ. " ކުރަނގި މާރަނގައިގެ ވަޒަނެއް ގެދޮރެއް ނުހުންނާނެ. އެކިދުވަސްވަރު އެސޮރުމެން ވިއްސޭނީ އެކި ދިމާގައި. އައްސިދަ ބުރުނުގައި މާނޭގާ ފަރެސް ތަކަންދޫ މަތީ އެބުރުނިއްޔާ ފުނޯސް ފުހުގައި އުދުހޭނީ ކަނޑު ބޭރުން ރާއްޖެ ނުފެންނަ ފަށުން ތޯއްޗެއް. މުލަނަކަތުގައި މާބޭރު ފަރުމަތީ، ޖާވާ ކަރަމަތީ ، ކެޔޮޅުކަންކުރިއްޔާ ދެ ހަޅައިގެ ތެރޭ ރައްކާވެ އުދުހެނީ ރަށްރަށު ފޮޅައިގައި. ދުވަސްކޮޅަކު ބެރިޔަންފަރު ގާގަނޑުގައި ރޭކޮށްފާނެ. ދެން ނިދަން އަރާނީ ބަތަލާ ރަންގަނޑަށް. ނުވަތަ ވޯވަށަށް ތޯއްޗެއް. މާތްކަލާނގެ ދެނެވޮޑިގެންވަނީ."  މި ސިފަކުރުން މި ވާހަކައަށް ގެނެސްފައިވަނީ ހަމަ ކުރަންގި މަރަގައިގެ ދިރިއުޅުން ސިފަކުރުމަށް ބާވައެވެ. ދެދުފުޅެކެވެ. މިއީ ހަމަ ކުރަންގި މާރަނގައިގެ ދިރިއުޅުން ހުންނަގޮތުގެ ވާހަކައެވެ. ނަމަވެސް މާލޭގައި އުޅޭ ރަށްރަށުގެ ވަޒަންވެރީން އުޅެނީ ހަމަ މިފަދަ ގޮތަކަށްނޫންބާވައެވެ. ދެތިން މަސްދުވަހު ހަމަޔަށް އެއްތަނެއްގައި ޤާއިމްވެ ނުތިބެވެއެވެ. އެއްގެއިން އަނެއްގެއިން ދުވެލަދުވެލާ ތިބެންޖެހެއެވެ. ތިބެންޖެހޭތަނުގެ ޖާގަ އެހާމެ ކުޑައެވެ. އެއްރޭ އެދެއްގައި ނިދާލެވޭ ނަމަ އަނެއްރޭ އޮންނަންޖެހެނީ ތަޅުންގަޑު މަތީގައެވެ. އެދުގެ ފުލާމިން ލިޔުންތެރިޔާ ސިފަކޮށްފައިވަނީ ސަންދޯކާ އެއްވަރަށެވެ. އެއްޗެހިތަށް ބަހައްޓަންޖެހެނީ އެނދު ތަންދޮށުގައެވެ. ލިޔުންތެރިޔާ ސިފަކުރާގޮތުގައި މާލޭގެ ކުޑަކޮޓަރިއެއްގެ ބޮޑުމިނަކީ ސަންދޯކެއްހާ ފުޅާމިނުގެ ދެއެދު ކޮޓަރީގެ ދެފަރާތުގައި ބެހެއްޓުމުން މެދުން ހިގާލެވެނޭ ހިމަވެގެންނެވެ. އެހެންކަމުން މަތީގައި ބަޔާންކުރެވުނު ސިފަކުރުން ލިޔުންތެރިޔާ ހަޤީގަތުގައި މިސާލާއެކު މި ވާހަކައިގައި ހިމަނައިފައި ވުމުގެ މައިގަޑު މަޤުސަދަކީ ނުސީދާ ގޮތެއްގައި ކިޔުންތެރިޔާއަށް އިންގޭގޮތަށް މާލޭގެ މީހުންގެ ދިރިއުޅުން ހާމަކޮށްދިނުމެވެ.
މި ވާހަކައަށްބަލާއިރު މުޅިވާހަކައިންވެސް ފެންނަނީ ކުރު އެހެންނަމަވެސް ވަށާޖެހޭ ސިފަކުރުންތަކެކެވެ. މި ސިފަކުރުންތަކުގެ ސަބަބުން ހަމަޔަޤީނުންވެސް އަޅުގަޑަށް ވާހަކަ ކިޔަން ފޫހިކަމަކާ ކުރިމަތިވިއެވެ. ޝައުޤުން ފުރިގެންވާ އަސަރުގަދަ  ބަސްތަކެއްނެތެވެ. ލޯބީގެ އަސަރުގަދަ ވާހަކައަކަށް މިވާހަކަ ނުވާތީ އެފަދަ ބަސްކޮށާރެއް ނެތީ ކަމުގައިވެދާނެއެވެ. އަސަރުގަދަ ފަށުވި ސިފަކުރުންތަކެއް ނެތެވެ. ފަހަރެއްގައި އަހަންނަށް ކަމުދާގޮތާ އެހެންމީހުންނަށް ވާހަކަ ކަމުދާގޮތާ ތަފާތުވެދާނެއެވެ. އިބްރާހިމް ހުސައިން މަނިކުގެ " ކުރަނގި މާރަންގަ " ވާހަކައިގައިވާ ސިފަކުރުންތަކަކީ އެހާ ފަސޭހަ ބަސްކޮށާރަކުން ނެގިފައިވާ ސިފަކުރުންތަކެއް ނޫންކަން ފާހަގަވެއެވެ. ކިޔަން އުދަގުލެވެ. ބުނާއެއްޗެއް ސިކުޑިއަށް ނަގާގަނެވެނީ ތިން ހަތަރުފަހަރު ތަކުރާރުކޮށް ވާހަކަ ކިޔާގެންނެވެ. ނަމަވެސް ސިފަކުރުންތަކާ ބުނަންއުޅޭ އެއްޗެއް ފަހުމްވާހިސާބުން ލޯމަތިން މަންޒަރު ފެންނަކަހަލައެވެ. މި ސަބަބުތަކަށްޓަކައި އަޅުގަޑުގެ އަމިއްލަ ނަޒަރުގައި މި ސިފަކުރުން ތަކުގެ ސަބަބުން ވާހަކައަށް ފުރިހަމަކަމެއް ލިބިފައިވާ ކަމުގައި ދަންނަވަން ދައްޗެވެ. ނަމަވެސް ސިފަކުރުންތަކުގެ ބަސްކޮށާރު ތަންކޮޅެއް ފަށިވި ބަސްކޮށާރަކަށްވީ ނަމަވެސް މިއަށްވުރެ ރަގަޅު ވެދާނެކަމުގައި ދެކެމެވެ.
އިބްރާހިމް ހުސައިން މަނިކުގެ " ކުރަނގި މާރަންގަ " ވާހަކައިން ރާއްޖެތެރެއާއި މާލޭގެ ތަފާތު ކިތަންމެހާވެސް ފުރިހަމައަށް ބަޔާންކޮށްދެއެވެ. މި ވާހަކައަކީވެސް ތަފާތު ބަސްމަގެއްވާ ތަފާތު ބަސްކޮށާރަކުން ސިފަކޮށްދީފައިވާ ކުރުއެހާމެ ފުރިހަމައަށް ސިފަކޮށްދީފައިވާ ވާހަކައެކެވެ. ނަމަވެސް މުޅިވާހަކަ އަކީވެސް ގާތްގަޑަކަށް ސިފަކުރާ ވާހަކައަކަށްވުމުން ވާހަކަ ކިޔުމުގެ ޝައުގު އިތުރުމުގެ ބަދަލުގައި ފޫހިކަން އިހުސާސްކުރަންޖެހުނެވެ.

No comments:

Post a Comment